އަމިއްލަ ހަޔާތް

އަހަރެންގެ ނަމަކީ އަހުމަދު މުހައްމަދެވެ. އާންމުކޮށް ކިޔާ ނަމަކީ “ފޯމީ” އެވެ. އަހަރެންގެ މަންމައަކީ ދ. ކުޑަހުވަދޫ ނަސްރީނާ އިދްރީސް އަދި ބައްޕައަކީ ހދ. ކުރިނބީ މުހައްމަދު މޫސާ އެވެ. އަހަރެން އުފަންވީ 15 ޖޫން 1976، މާލެ ސެންޓްރަލް ހޮސްޕިޓަލަށެވެ. އަަހަރެންގެ އެއްބަނޑު އެއްބަފާ ހަތަރު އަންހެނުންނާއި ތިން ފިރިހެނުން ތިބެއެވެ.  މިހާރު އަހަރެންގެ ެއެގާރަ އަހަރު ފުރެމުންދާ ފިރިހެން ދަރިއެއް ހުރެއެވެ

އަހަރަމެންގެ ތެރެއިން ވަރަށް ގިނަ މީހުން ފަދައިން، ކުޑަސިޓީ ހައްދައިގެން، މާލޭގެ އެކި ގޭގޭގައި ހުރެގެން، އަހަރެން ކިޔެވޭތޯ ބެލީމެވެ. އަހަރެން ވަރަށް ކުރިއްސުރެ ސިޔާސީ ކަންކަމަށް ވަރަށްބޮޑަށް ޝައުގު ހުރެއެވެ.  ވަކިން ހާއްސަކޮށް އިންސާނީ ހައްގުތައް ދިފާއުކޮށް، ރައްކާތެރިކޮށް އަދި ކުރިއަރުވުމަށް އަހަރެން ވާނީ މަސައްކަތްކޮށްފައެވެ. މި މަސައްކަތަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން، އޮސްޓްރޭލިއާއިން މާސްޓާސް ޑިގްރީއެއް ހާސިލުކުރީވެސް އިންސާނީ ހައްގުތަކުގެ ދާއިރާއިންނެވެ

އާންމުންނަށް ސިޔާސީ ބާރު ހޯދައިދިނުމަށް، ޓްރާންސްޕޭރަންސީ މޯލްޑިވްސްގައި ހަތަރު އަހަރު މަސައްކަތް ކޮށް އެކި އެކި ކެމްޕޭނުތައް ހިންގީމެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ބިލާއި އަދި ޖަމިއްޔާ ޖަމާއަތްތަކުގެ ބިލްގެ ޑްރާފްޓެއް އެކުލަވާލުމުގައި މަސައްކަތްކުރީމެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި ލާމަރުކަޒު ކުރުމުގެ ގޮތުން ކައުންސިލަރުން ތަމްރީނު ކުރުމުގައި މަސައްކަތްކުރީމެވެ. ސްކޫލް ދަރިވަރުންނަށް ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކަށް އަހުލުވެރި ކުރުމުގެ އެތަކެއް ޕްރޮގްރާމެއްގައި މަސައްކަތް ކުރީމެވެ

ސިޔާސީ ފިކުރު

އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާ އާއި ރާއްޖޭގެ އެތައް ރަށަކަށް ގޮސް އާންމުންނާ ގާތުން ބައްދަލުވުމުން، އަހަންނަށް ތަޖުރިބާކުރެވުނު އެންމެ ބޮޑު ކަމަކީ، ތަނަވަސްކަމާއި އިޖުތިމާއީ ގޮތުންނާއި ނަސަބުގެ ގޮތުން އަހަރަމެންގެ ތެރޭގައި އުފައްދާ ފައި ހުންނަ ބޮޑު ތަފާތު ތަކެވެ

އަހަންނަށް އެނގުނު އެއްޗަކީ، މިފަދަ ފަރަގު މިހާ ބޮޑަށް އުފެދިފައި ހުންނަނީ ޒަމާނުއްސުރެ ވެރިކަމުގެ ބާރަށް އަތްގަދަކުރާ މަދު ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުން ހަދާފައި ހުންނަ ސިޔާސަތުތަކުގެ ސަބަބުންކަމެވެ. އެއްގޮތަކަށްވެސް އެއީ ފިތުރީ ކަމެއް ނޫންކަމެވެ

އަދި ރާއްޖޭގެ ސިޔާސީ މައްސަލަތައް އެންމެ ފަހުންގޮސް ހުއްޓެނީ ސިޔާސީ ބާރާއި ސިޔާސީ ޕާޓީތައް ކޯންޓްރޯލުކުރާ މަދު މީހެއްގެ އަތްމައްޗަށް ކަމަށެވެ. ޚާއްސަކޮށް ބޮޑެތި މަހުޖަނުންގެ ނުފޫޒު ނުފޯރާ އެއްކަމެއްވެސް ނެތްކަން އެނގުނެވެ. ސަރުކާރު ހިންގުމުގައި، ގާނޫންހަދާ މަޖިލީހުގައި އަދި ކޯޓުތަކުގަ އާއި މިނިވަންމުއައްސަސާތަކުގައި މިފަރާތްތަކުގެ ނުފޫޒާއި ބާރު އިންތިހާއަށް އޮތްކަމެވެ. އަދި އެފަރާތްތަކުގެ ނުފޫޒު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރަށް ވަރުގަދަކުރަމުންނެވެ

ސިޔާސަތުތައް ބަދަލުކުރަން ވަކާލާތުކުރާ ޕާޓީތައްވެސް މިހާރު މިވަނީ މި ބުނެވުނު ބޮޑު ފައިސާ ގައި ތާށިވެފައެވެ. ސިޔާސީ ޕާޓީތައް އެ މީހުން ބޭނުންކުރަނީ ސިޔާސީ ނުފޫޒާއި ބާރު ބޭނުން ކޮށްގެން އިތުރަށް މުއްސަދިވުމަށް ހަތިޔާރެއްގެ ގޮތުގައެވެ. އަދި

ކިތަންމެ ވަރަކަށް ‘މަހުޖަނުން’ ގެ ވާހާކަ ދައްކާ ބަޔަކު ޕާޓީތަކުގައި ތިއްބަސް، ނުފެންނަ ގޮތަށް ޕާޓީތަކަށް ފައިސާ ވައްދާ ފައިސާވެރިންނާއި ރައުސުލްމާލިއްޔަތުގެ އަހުލުވެރިން ތިބޭހާ ހިނދަކު،  އަހަރަމެންގެ ތެރޭގައި އިގުތިސާދީ އަދި އިޖުތިމާއީ ބޮޑެތި ފަރަގުތައް ކުޑަކުރުމަކަށް ދާއިމީ ހެޔޮ ބަދަލެއް އެ މީހުންނަކަށް ނުގެނެވޭނެއެވެ

.

އިންތިޚާބީ ދާއިރާ

ކުޑަހުވަދޫ ދާއިރާއަކީ އެހެން ދާއިރާތަކާއި އަޅާ ބަލާއިރު އުމްރާނީ ތަރައްގީ ލިބިފައިވާ ދާއިރާއެކެވެ. މަގުތައް ހެދި، ނަރުދަމާގެ ނިޒާމު ގާއިމު ކުރެވި، ރަނގަޅު ސްކޫލަކާއި، ހޮސްޕިޓަލަކާއި އެއަރޕޯޓެއް ލިބިފައިވާ ދާއިރާއެކެވެ. މަސްވެރިކަމާއި، ދަނޑުވެރިކަން ހިންގާ އަދި ހަތް ރަށެއްގައި ޓުއަރިޒަމް ސިނާއަތް  ހިނގާ ދާއިރާއެކެވެ. އިތުރު އެހެން ރަށްތައް އެދަނީ ތަރައްގީ ކުރެވެމުންނެވެ

އަތޮޅު ތެރޭގެ ދަތުރު ފަތުރު ހިންގުމަށް ދެ ރަށެއް ރިސޯޓު ތަރައްގީ ކުރުމަށް ދެވިފައިވާއިރު ފެރީގެ ނިޒާމު ވަނީ ހުއްޓިފައެވެ. ދިރިއުޅުމަށް އެކަށީގެންވާ ރަގަޅު ފައިދާއެއް މަސްވެރިކަމުން ނުލިބެނީ މަސްވިއްކަން މާ ދުރު އަތޮޅުތަކަށް ދާންޖެހި ބޭނި މަސްކޮޅު ކިރާލަން ގޮތެއް ނެތީމައެވެ. ދުނިޔޭގެ މަތީ ފެންވަރުގެ އެތައް ރިސޯޓުތަކެއް ހުޅުވިފައިވާއިރު މިތަންތަނުން އެކަށީގެންވާވަރާ ގާތައްވެސް ވަޒީފާ ނުލިބެއެވެ. ބޮޑު ބިމެއް އެއަރޕޯޓް ހިންގާފަރާތައް އެއްވެސް އަގަކާ ނުލާ ދެވިފައިވާއިރު މިތަންތަނުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވެއެވެ.  ސުވާލަކީ ދާއިރާގެ ރައްޔިތުންނަށް މި ކަންކަމުން އެއްވެސް ވަރެއްގެ ފައިދާއެއް ނުވަނީ ކީއްވެތޯ އެވެ؟

އަހަރެން ކުޑަހުވަދޫ ދާއިރާގެ މަޖްލީސް މެމްބަރު ކަމަށް ކުރިމަތިލަނީ ރައްޔިތުން ތަމްސީލު ކުރުމަށް އަދި ރައްޔިތުންނަށް ބޭނުންވާ ގާނޫނުތަކަށް ވަކާލާތުކޮށް މިހާރުން މިހާރަށް  ބޭނުންވެފައިވާ ގާނުނުތައް ހެދުމުގައި ރައްޔިތުން ތަމްސީލު ކުރުމަށެވެ. ދައުލަތުގެ ބާރުތައް ކަމުގައިވާ ސަރުކާރާއި ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާތައް ފުރިހަމައަށް ޒިންމާދާރުކޮށް އަދި ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ހޯދާއި ނަޒާހަތްތެރި މަޖިލީސްކުރާ މެމްބަރުން ތަމްސީލް ކުރާ މަޖިލީހަކަށް ހެދުމަށެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށެވެ

ބޮޑެތި މަހުޖަނުންގެ ނުފޫޒުން ރައްޔިތުންގެ މަޖިލީސް ސަލާމަތްކުރުމަށެވެ

ހިޔާވަހިކަން ގަނެވިއްކާ މުދަލަކުން އަސާސީ ހައްގަކަށް

ލަގްޒަރީ ހައުސިންގ ހުއްޓުވުން

ރެންޓް ކޮންޓްރޯލު

އިޖުތިމާއީ ހިޔާވަހިކަން އެއްމެނަށް

ހިޔާވަހިކަން ހޯދަން ދަރަނިވެރިކުރުން ހުއްޓުވުން

އިޖުތިމާއީ ރައްކާތެރިކަން

މަސައްކަތު މާހައުލަށް ޑިމޮކްރެސީ

މަސައްކަތްތެރިންގެ ޔޫނިއަން

މަސައްކަތްތެރީންނަށް އިންޑަސްޓްރީތަކުގެ ކޮންޓްރޯލު

އިހުތިޖާޖުކޮށް ހަޅުތާލުކުރުން، ކަލެކްޓިވް ބާރގެއިނިންގް

 ދިރިއުޅޭ އުޖޫރަ

ހާސްކަމެއް ނެތި ބޭސްކުރެވޭނެ ދުވަހެއް

ޓެކްސް އަދި އިގްތިސާދީ އިސްލާހު

ޕަބްލިކް ބޭންކުން ރައްޔިތުން ފެލުން ހުއްޓުން

މަހުޖަނު ޓެކުސް ތައާރަފުކުރުން

ވާރުތަ ޓެކްސް