އަހަރެންގެ ނަމަކީ ފާތިމަތު ރިޝާނާއެވެ. މަންމައަކީ މާފަންނު ވައިޓްބެލް (ކުރީގެ ކުކުންމާގެ) ޝަރީފާ މޫސާ  އަދި ބައްޕައަކީ ދޮން މޫސާފުޅު އެވެ. އަހަންނަކީ  ތިން ކުދިންގެ މަންމައެއް އަދި މަސައްކަތްތެރިއެކެވެ

ސިންގަޕޯރ ނެޝަނަލް ޔުނިވާރސިޓީއިން އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ  ޑިގްރީ ހާސިލުކުރުމަށްފަހު ރާއްޖެއައިސް މަސައްކަތްކުރީ ޔޫއެންޑީޕީގެ ސުނާމީ ރިކަވަރީ ޕްރޮގްރާމުގައެވެ. އެއަށްފަހު ދިވެހި ރެޑް ކްރެސެންޓުގައި ޑިޒާސްޓާރ މެނޭޖްމަންޓް ދާއިރާއިން މަސައްކަތް ކުރުމަށްފަހު އޮސްޓްރޭލިއަން އެއިޑް ސްކޮލާރޝިޕެއްގައި ޑިޒާސްޓަރ މެނޭޖްމަންޓްްއިން މާސްޓާރސް ޑިގްރީ ފުރިހަމަ ކުރީމެވެ

ކާރިސާތަކުން މުޖުތަމަައު  ރައްކާތެރިކުރުމާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރެވިފައިވާތީ  އިޖުތިމާއީ މިފަދަ ކަންތައްތަކަކީ އަހަރެން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަންކަމެވެ. ކާރިސާއަކީ ގުދުރަތީގޮތުން ދިމާވާ ކަމެއް ނޫނެވެ. ކާރިސާގެ ހާލަތައް މުޖުތަމައު ވެއްޓެނީ އިންސާނުން އުފައްދާ ހާލަތްތަކެއްގެ ސަބަބުންނެވެ. އަހަރެން ދެކޭ ގޮތުގަ މާލެ މިހާރު މިއޮތީ ބަޔަކު ގަސްދުގައި ކާރިސާއަކަށް ހަދާފައެވެ

އަހަރެމެންގެ މައްސަލަތައް ފެށެނީ ގެދޮރާ ހިސާބުންނެވެ. އިޖުތިމާއީ އެތައް މައްސަލައެއްގެ މުގުލުގައި އޮތީވެސް އިންސާނުން ދިރިއުޅެން އެކަށީގެންވާ ހިޔާވަހިކަން ނެތުމެވެ.  އެތައް ބަޔަކު ގެދޮރުނެތި މިހާލުގައި ތިބިއިރު މި ފެންނަނީ މަދު ބަޔަކު ވިޔަފާރި އުސޫލުން ގެދޮރު ގަނެވިއްކާ މުދަލަކަށް ހަދައި މުއްސަނދިން އިތުރަށް މުއްސަނދިވަމުން ދާތަނެވެ. ގެދޮރު ނުހެދިގެން އުޅޭ އާންމު މީހާ މި ޖެހެނީ އުމުރުދުވަހު ދައްކަންޖެހޭ ބޮޑެތި ލޯނުތައް ބޮލުގަ އަޅަން ނުވަތަ ކޮންމެވެސް މަހުޖަނެއްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ޝިކާރައަކަށްވުމަށެވެ

މިއީ އަހަރެމެންގެވެސް ރަށް ކަމަށް ވާއިރު މި ރަށުގައި މިހާލުގައި މުޅި އުމުރު ހޭދާކުރާކަށް ނުޖެހެއެވެ. މިއީ ބަދަލު ކުރަންޖެހޭ އަދި ބަދަލު ކުރެވޭނެ ކަަންކަމެވެ.  މި ކަންކަން ހައްލުކުރެވޭނީ ހިޔާވަހިކަން ފަދަ އަސާސީ ހައްގުތައް ވިޔަފާރި އުސޫލުން ގަނެވިއްކުން ހުއްޓުވައިގެންނެވެ.  އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ފަދައިން އަސާސީ ހައްގުތަކަކީ ހުރިހާ އެންމެނަށްވެސް ފޯރުކޮށްދޭންޖެހޭ ވާޖިބެއްގެ ގޮތުގަ ސިޔާސީ ފަރާތްތަކުން ދެކިގެންނެވެ.  އަދި ލާމަރުކަޒީ ނިޒާމަކުން އެހެން ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް ހިޖުރަކުރަން މަޖުބޫރުވާ ހާލަތު ބަދަލުކޮށްގެންނެވެ

އަހަރެން މާފަންނު މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތި މިލަނީ އަހަންނަކީ މި ދާއިރާއަށް އުފަން މި ދާއިރާގައި އުޅެ ބޮޑުވި މި ދާއިރާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ދިރިއުޅުން ފެނި ތަޖުރިބާކުރެވިފައިވާ މީހަކަށްވާތީއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވޭތުވެދިޔަ 2 ދައުރުގަ ދެ ޕާޓީއިން މެމްބަރުން މިދާއިރާއިން ހޮވިއިރުވެސް  މި ދާއިރާގެ ގިނަ ރައްޔިތުންގެ ހާލަތައްހެޔޮ ބަދަލެއް އައިތަން ނުފެންނާތީއެވެ. ދާއިރާއަށް ނިސްބަތްވާ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އަހަންނަށް ފެނުނީ ކޮންމެ ޕާޓީއެއް ވެރިކަމަށް އަޔަސް އާންމު ރައްޔިތުންގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދިޔަތަނެވެ. ފެނިގެން ދިޔައީ މެމަބަރަކަށް ހޮވޭ މީހާ އަކީ ހަމައެކަނި އޭނާގެ އާއިލާއާއި ގާތްމީހުންނަށް ނުވަތަ ކޮންމެވެސް ނުފޫޒުގަދަ މަދު ބަޔަކަށް އެކަނި ހިދުމަތްކޮށްދޭ މީހެއްގެ ގޮތުގައެވެ. މި ސަގާަފަތް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަޖިލިސް މެމްބަރުންނަކީ ދައުލަތް ހިންގުމުގައި ސީދާ ރައްޔިތުން ތަމްސީލުކުރަން ތިބޭ ބަޔަކަށް ވާއިރު މި މުހިއްމު މަޤާމުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައި 5 އަހަރުގެ ދައުރަކީ ތިމާ މީހާގެ އަމިއްލަ މަސްލަހަތު ކުރިއަރުވަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދެކިގެން މި މަގާމަށް ކުރިމަތިލާ މީހުން ގިނައެވެ

ރާއްޖޭގައި މިހާރު ހުރި ސިޔާސީ ޕާޓީ ތަކަކީ މުދާވެރި މަހުޖަނުންނާއި ނުފޫޒުގަދަ އާއިލާތަކުގެ ދަށުން މަސައްކަތް ކުރާ ޕާޓީތަކެކެވެ. ޕާޓީގެ މަޖިލިސް މެމްބަރުންނަށް މުހިއްމުވަނީ ހަރަދުކުރާ މަހުޖަނުންގެ މަސްލަހަތު ރައްކާތެރިކުރުމެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މި ނިކުންނަނީ މިފަދަ ބާރުގަދަ ނުފޫޒުތަކަށް ނޫނެކޭ ބުނެ އާންމުންގެ ހައްގުގައި ވަކާލާތުކުރަން ބޭނުންވާތީއެވެ. އާންމުންގެ ނިންމުންތައް އެންމެ ރަންގަޅަށް މަޖިލީހަށް ގެނެސްދެވޭނީ މިގޮތަށް ކަމަށް ޤަބޫލުކުރެވޭތީއެވެ.   އަހަރެންގެ ކެމްޕޭނުގެ އެއްވެސް ހަރަކާތަކަށް އެއްވެސް މަހުޖަނެއް ނުވަތަ ބޮޑު ވިޔަފާރިވެރިއެއް  އެހީއެއް ނުހޯދާނަމެވެ. މި ކެމްޕޭން ހިންގާނީ އާންމުންނެވެ. ޖަވާބުދާރީ ވާނީވެސް އާންމުންނަށެވެ

ސިޔާސީމީހުންގެ ސިޔާސީ ވިޔަފާރި ހުއްޓުވާނަން

ރައްޔިތުންނަކީ ސިޔާސީ މީހުން ކައިރިއަށް ސަލާންޖަހަން ނުޖެހޭ ބާރުވެރި ފުދުންތެރި ބަޔަކަށް ހެދުން

ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި މެމްބަރުކަމުން ވަކި ކުރުމުގެ ބާރު ވޯޓަކުން ރައްޔިތުންނަށް ދިނުން

ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތައް ފައިސާ ހޯދާގޮތާއި ޚަރަދު ކުރާގޮތުގެ ތަފްސީލް ހާމަކުރުވުން

ވޯޓުގަތުމާއި ވޯޓުވިއްކުން ހުއްޓުވުން

ސަރުކާރު ކުންފުނިތަކާއި ކުންފުނިތަކުގެ ހިއްސާ ވިއްކުން ހުއްޓުވުން

ސިޔާސީ މީހުން ނުފޫޒުގަތުމުގެ ބޭނުމުގައި ހިޔާވަހިކަންފަދަ އަސާސީ ޙިދުމަތްތަށް ބޭނުން ކުރުން ހުއްޓުވުން

މަހުޖަނުންނާއި ވިޔަފާރިވެރިންގެ ވަކިތަކުން ރައްޔިތުން މިނިވަން ކުރުން

ނުހައްގުން ހޯދާފައިވާ ފުލެޓާއި ބިމާއި ރައްތަށް އަނބުރާ ދައުލަތައް ނެގުން

އަސާސީ ޚިދުމަތްތަކުން ވިޔަފާރި ފައިދާނެގުން ހުއްޓުވުން

ސިޔާސީ ކެމްޕޭނަށް ކުރާ ޚަރަދުތަށް އާންމުކޮށް ފެންނާނޭގޮތް ހެދުން

ސިޔާސީ ހަރަކާތަށް މަހުޖަނުން ކުރާ ޚަރަދުގެ ލިމިޓެއް ކަނޑައެޅުން

މަހުޖަނުންނާއި ފަޤީރުންގެ ދެމެދުގައިވާ ތަފާތުކުރުން ނައްތާލުމަށް މުދަލު ޓެކްސްއާއި އިންކަމް ޓެކްސް އަދި ވާރުތަ ޓެކްސް ނެގުން

މާލެ އޮތީ ތޮއްޖައްސާފައި! މާލޭ ސަރަހައްދަށް މީހުން އެއް ކުރުން ހުއްޓުވާނަން

މާލެއަށް ހިޖުރަކުރުން މަދުކުރުމަށް އެހެންރަށްތަކުގެ ތަރައްޤީއަށްވެސް އިންވެސްޓްކުރާވަރު އިތުރުކުރުން

ހޮސްޕިޓަލާއި ސުކޫލުތަކާއި ވަޒީފާގެ ފުރުސަތު އެހެން ރަށްތަކަށް އިތުރު ކުރުން

މާލެއިން ވެހިކަލް މަދުކޮށް ދަތުރުފަތުރު ފަސޭހަކުރުން

މާލޭގޭ މާހައުލަކީ ރައްކާތެރި ހިތްފަސޭހަ މާހައުލަކަށް ހެދުން

ގެދޮރުގެ ދަތިކަމަށް އަވަސް ހައްލެއް

ފުލެޓްއާއި ބިން ދޫކުރުމުގައި އިންސާފުވެރި އުސޫލެއް ގެންގުޅޭކަން ކަށަވަރުކުރުން

އިޖުތިމާއީ ހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުއަކަށް ބާރުއެޅުން

ޑިޕޮސިޓް ނުވަތަ ފުރަތަމަ ބަހައްޓަންޖެހޭ އިކުއިޓީއާއި ނުލާ ގެހެދުމުގެ ލޯނު ލިބޭނޭ އުސޫލަކަށް ބާރު އެޅުން

ކުއްޔަށް ދިރިއުޅޭ ރައްޔިތުންގެ ޝަކުވާ އަޑުއަހާ ފިޔަވަޅު އަޅާނޭ ޓުރައިބިއުނަލެއްގާއިމް ކުރުން

ވަޒީފާ އިތުރުކޮށް ފުދިގެން އުޅެވޭނެ އާމްދަނީއެއް އެންމެނަށް

ހާސްކަމެއްނެތި ދިރިއުޅެވޭނެ މުސާރައެއް ކޮންމެ މަސައްކަތްތެރިއަކަށް ކަށަވަރުކުރުން

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެކުރުމުގެ ވަގު ވިޔަފާރި ހުއްޓުވުން

ޑޭކެއަރ ސެންޓަރުގެ ހިދުމަތް ދައުލަތުގެ ބަޖެޓުން ހަމަޖެއްސުން

މަސައްކަތްތެރިންގެ ހައްގުގަ ތެދުވާނެ ޔޫނިއަންތައް އުފެއްދުން

ކޯޕަރޭޓިވްސް ނުވަތަ މަސައްކަތްތެރިންގެ ވިޔަފާރި އިތުރު ކުރުން

ޓުއަރިޒަމްއަށް ބަރޯސާވުން ކުޑަކޮށް އިތުރު އިންޑަސްޓުރީތަށް ކުރިއެރުވުން

ހިތްއުފާކޮށް ނަފްސު ކުރިއެރުވޭނެ ވަގުތާއި ފުރުސަތު އެންމެނަށް ލިބުން